Information Center

އެމް.އެސް.އީ އަދި އެމް.އެސް.ޑީ ގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ

އެމް.އެސް.އީ އަދި އެމް.އެސް.ޑީ ގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 19 ވަނަ އަހަރީ އާންމު ޖަލްސާ 23 ޖޫން 2026 ގައި ބާއްވައިފިއެވެ.

މި ޖަލްސާތަކުގައި 31 ޑިސެމްބަރު 2025 އަށް ނިމުނު އަހަރުގެ ގްރޫޕްގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ކުންފުނި ހިންގުމުގެ މުހިންމު ކަންކަމާއި ހިއްސާދާރުންނާ ގުޅޭ ކަންކަމަށް އަލިއަޅުވާލާފައިވެއެވެ. ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަލްފާޟިލް އައުޝަން ލަތީފް ވަނީ ވޭތުވެދިޔަ އަހަރާއި ފަހަކަށް އައިސް ގްރޫޕުން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްގީކުރުމުގެ ދެން އޮތް މަރުހަލާއާ ބެހޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.

މިދިޔަ އަހަރުގެ މުހިންމު ކަންތައްތަކުގެ ތެރޭގައި މާކެޓްގެ ހަރަކާތްތައް އިތުރުވުމާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރަށް ލިބުނު ކުރިއެރުންތަކާއި، ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީ ސިސްޓަމްގެ ފުރަތަމަ މަރުހަލާ ނިމި، އިންޓަރނަލް ޓެސްޓިންގް ފެށުން ހިމެނެއެވެ. މީގެ އިތުރުން، 2026 އިން 2030 އަށް އެކުލަވާލާފައިވާ ގްރޫޕްގެ ސްޓްރެޓީޖިކް ޕްލޭން ފާސްކުރުންވެސް ހިމެނެއެވެ. މި ޕްލޭންގެ މައިގަނޑު އަމާޒަކީ މާކެޓް ފުޅާކުރުމާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި، ހިންގުން ހަރުދަނާކުރުމާއި، މަސްލަހަތުވެރިންގެ އިތުބާރު ދެމެހެއްޓުމުގެ އިތުރުން މުއައްސަސާގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމެވެ.

ހިއްސާދާރުން ވަނީ 2025 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ފާސްކޮށް، 2026 ވަނަ އަހަރުގެ އެކްސްޓަރނަލް އޮޑިޓަރުގެ ގޮތުގައި ޑެލޮއިޓް އައްޔަންކޮށްފައެވެ. އަދި ދެ ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހުތައް ފާސްކުރުމުގެ އިތުރުން، އެމް.އެސް.އީ އަދި އެމް.އެސް.ޑީ ގެ ބޯޑަށް އަލްފާޟިލް އަބްދުﷲ ހަބީބް އަދި އަލްފާޟިލާ ނޫރުބާން ފަހުމީ އަލުން އައްޔަންކުރުމަށް ވަނީ ނިންމާފައެވެ.

މި ޖަލްސާތައް ނިންމާލާފައިވަނީ ރާއްޖޭގައި މިހާރަށްވުރެ ހަރަކާތްތެރި، ފަސޭހައިން ބޭނުންކުރެވޭ އަދި ހަރުދަނާ ކެޕިޓަލް މާކެޓެއް ބިނާކުރުމަށް ގްރޫޕުން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރާނެކަމުގެ ޔަގީންކަމާއެކުގައެވެ.